ކާފިއު ވަގުތުތަކުގައި އެމްޓީސީސީން ވިލިމާލެއަށް ޝެޑިއުލް ކުރާ އެންމެ ފަހު ފެރީ ދަތުރުކުރާނެ ވަގުތަށް ބަދަލު ގެނެސްފިއެވެ.
އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ، މިއަދުން ފެށިގެން ކާފިއު ވަގުތުގެ ކުރިން ބާއްވާ އެންމެ ފަހު ފެރީ އޮންނާނީ ހަވީރު 4:20 ގައި ކަމަށާއި ޓާމިނަލްގެ ތެރޭގައި ތޮއްޖެހުން ކުޑަކުރުމަށް ދުރާލާ ދަތުރަށް ތައްޔާރުވުން ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.
މިދިޔަ ދުވަސްތަކުގައި ވިލިމާލެއަށް އެންމެ ފަހު ފެރީ ޝެޑިއުލްކޮށްފައި އޮތީ 4:30 ގައެވެ.
އެ ކުންފުނިން ވަނީ އާންމުން ތޮއްޖެހުނަ ނުދިމަށްޓަކައި އެއް ފެރީއަކުން ދަތުރު ކުރާ މީހުންގެ އަދަދު 50 އިންސައްތަވެސް ކުޑަކޮށްފައެވެ. އެގޮތުން މިހާރު 100 މީހުންގެ ޖާގައިގެ ފެރީއަކުން ދަތުރު ކުރާނީ 50 މީހުންނެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ބަހުގެ ހިދުމަތްތައް ވެސް ހަވީރު 4:30ގެ ކުރިން ނިމޭނެ ގޮތަށް ހަމަޖައްސައިފައެވެ. އެމްޓީސީސީން ބުނީ ބަސް ދަތުރުތައް ފަށާނީ ކާފިއުގެ ވަގުތު ނިމުމުން ކަމަށެވެ. އަދި އެއާޕޯޓަށް ދަތުރުކުރާ ބަހުގެ ހިދުމަތްވެސް މެންދުރު 1:00 އިން ހަވީރު 5:00 އަށް މެދުކަނޑާލައިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.