އިނގިރޭސި ޕްރިމިއާ ލީގު

ލީގު ކެންސަލް ކުރިޔަސް ލިވަޕޫލަށް ތަށި ދޭނެ: ޔޫއެފާގެ ރައީސް

ކޮވިޑް 19އާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގު ކެންސަލް ކުރިޔަސް ލިވަޕޫލަށް ތަށި ދޭނެ ކަމަށް ޔޫއެފާގެ ރައީސް އަލެކްސެންޑާ ޗުފަރީން ވިދާޅުވެއްޖެއެވެ.

މިސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވާނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ދެމެދު 25 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މިއީ 30 އަހަރަށްފަހު ލިވަޕޫލަށް ލިބޭނެ ލީގު ތައްޓެވެ.

ކޮވިޑް 19އާ ގުޅިގެން މުޅި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންކޮށްފައިވާތީ ޔޫރަޕުގެ ބޮޑެތި ލީގުތައް ވަނީ މެދުކަނޑާލައިފައެވެ. އެކަމާ ގުޅިގެން ލީގުތައް ކެންސަލްކުރަން ޖެހިދާނެކަމަށް ވެސް ފުޓުބޯޅަ އިދާރާތަކުން ދަނީ ބުނަމުންނެވެ.

ޕްރިމިއާ ލީގާ ގުޅޭގޮތުން ސްލޮވީނިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޔޫއެފާގެ ރައީސް ޗުޕަރީން ވިދާޅުވީ ލިވަޕޫލަށް ލީގު ތަށި ނުދީ ނިންމާލަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.

"ލީގު އަލުން ފަށައިފި ނަމަ، ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވަރަށް ބޮޑު. ލީގު ޗެމްޕިއަންކަން އަދި ކަށަވަރުނުވިޔަސް، މިހާރު ގާތްގަނޑަކަށް އެއޮތީ ކަށަވަރުވެފައި. ލިވަޕޫލަށް ލީގު ތަށި ދޭނެ،" އޭނާ ވިދާޅުވިއެވެ.

ޗުޕަރީން ވިދާޅުވީ ސްޓޭޑިއަމަށް ސަޕޯޓަރުން ނުވައްދައި ލިވަޕޫލަށް ލީގު ތަށި ދޭނަމަ، އެކަމާ ސަޕޯޓަރުން މާޔޫސްވާނޭކަން އެނގޭ ކަމަށާއި ނަމަވެސް ކޮންމެ ގޮތަކުން ވިޔަސް ލިވަޕޫލަށް ލީގު ތަށި ދޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ވެސް ދަނީ ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އިނގިރޭސިވިލާތުން 55،242 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އެގައުމުން އެ ބަލީގައި 6،159 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ހިމެނިވަޑައިގަންނަވައެވެ. ހާލު ދެރަވެގެން ބޮރިސްއަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.