ޚަބަރު

ދިވެހިން ގެންނަ ފްލައިޓުތަކުގެ ޓިކެޓުގެ އަގު މޯލްޑިވިއަނުން ހެޔޮކޮށްފި

އަލީ ޔާމިން

ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން ބާއްވާ ފްލައިޓްތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، މޯލްޑިވިއަން އިން ބާއްވާ ފްލައިޓުތަކުގެ އަގާ ގުޅިގެން ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި އެގޮތުން އަގުތައް ހެޔޮކުރުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެކު މަޝްވަރާކުރުމަށްފަހު މިހާރު އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ފްލައިޓުތަކުގެ މިހާރުގެ އަގުތައް:

ކޮލޮމްބޯ - 220 ޑޮލަރު

ކޮޗިން - 149 ޑޮލަރު

ޓްރިވެންޑްރަމް - 199 ޑޮލަރު

މެލޭޝިއާ - 330 ޑޮލަރު

މޯލްޑިވިއަނުން މީގެ ކުރިން ފްލައިޓުތައް ބާއްވާފައިވަނީ ލަންކާއިން 300 ޑޮލަރަށާއި އިންޑިއާގެ ކޮޗިންއިން 260 ޑޮލަރަށެވެ. މެލޭޝިއާއިން ކޮށްފައިވާ ދަތުރުތަކުގެ އަގަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މޯލްޑިވިއަނުން މިހާތަނަށް ވަނީ ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކާއި، އިންޑިއާއިން 200 ދިވެހިން ރާއްޖެ ގެނެސްފައެވެ. އަދި މެލޭޝިއާއިން 200 ދިވެހިން މިރޭ ފަތިހު ރާއްޖެ އަންނާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.