ކަރަންޓީނު ފެސިލިޓީތަކުން އިތުރު 164 މީހަކު ދޫކޮށްލައިފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުން މިހާތަނަށް ޖުމްލަ 297 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.
"މިއަދު ކަރަންޓީނު ފެސިލިޓީތަކުން ޖުމްލަ 164 މީހަކު ވަނީ ދޫކޮށްލެވިފައި. އަދި މިއާއެކީ މިހާރު ޖުމްލަ 297 މީހަކު ދޫކޮށްލެވިފައި،" އޭނާ ވިދާޅުވިއެވެ.
ކަރަންޓީނު ފެސިލިޓީތަކުން މީހުން ދޫކުރަމުން އަންނަނީ ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ޓެސްޓު ހެދުމަށްފަހު ނަތީޖާ ޑަބަލް ނެގަޓިވްވުމުންނެވެ. އިއްޔެ ވެސް ވަނީ ޖުމުލަ 63 މީހަކު ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީގެ ކޮންޓެކްޓުންގެ ގޮތުގައި އެކަހެރި ކުރި ތިން މީހުން ހިމެނެއެވެ.