ޚަބަރު

މޯލްޑިވިއަނުން ރާއްޖޭގައި ތިބި މެލޭޝިއާގެ 30 ރައްޔިތަކު އެގައުމަށް ގެންގޮސްދީފި

އަލީ ޔާމިން

މެލޭޝިއާގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނައުމަށް އެގައުމަށް މޯލްޑިވިއަނުން ފޮނުވި ފްލައިޓުގައި ރާއްޖޭގައި ތިބި މެލޭޝިއާގެ 30 މީހަކު ގެންގޮސްދީފިއެވެ.

ކޮވިޑް 19އާގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، މެލޭޝިއާގައި ތިބި ބައެއް ދިވެހިން ބަލާ ފުރި ފްލައިޓުގައި ކެއާ ޕެކޭޖުގެ ގޮތުގައި ހަތް ޓަނުގެ މުދާ ފޮނުވާފައިވާ ކަމަށެވެ.

"މެލޭޝިއާ ސަރުކާރުން މެލޭޝިއާގައި ތިބި ދިވެހިން ގެންނަން މިލިބުނު ހާއްސަ ހުއްދައާއެކީ ރާއްޖޭގައި ދިރިއުޅެމުން އަންނަ ނުވަތަ މަސައްކަތަށް އައިސްއުޅޭ ނުވަތަ އެހެން ގޮތްގޮތުން އައިސް ތިބި މެލޭޝިއާ ރައްޔިތުންގެ ތެރެއިން 30 މެލޭޝިއާ ރައްޔިތަކުވަނީ އަޅުގަނޑުމެންގެ ބޯޓުގައި މެލޭޝިއާއަށް ގޮސްފައި،" މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މެލޭޝިއާއިން ދިވެހިން ގޮވައިގެން ރާއްޖެ އަންނަ ފްލައިޓު ރާއްޖެއަށް އަންނާނީ މިރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި އެ ފްލައިޓުގައި 200 ދިވެހިން ރާއްޖެ އަންނާނެ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ސްރީ ލަންކާގެ ކޮލަމްބޯގައި ތާށިވެފައި ތިބި 100 ދިވެހިންނާއި އިންޑިއާގެ ކޮޗިންގައި ނާދެވިފައި ތިބި 189 ދިވެއްސަކު މޯލްޑިވިއަނުން ވަނީ ރާއްޖެ ގެނެސްދީފައެވެ. އަދި މިމަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑުރަމްގައި ތިބި ދިވެހިން ވެސް ގެނައުމަށް ހާއްސަ ފްލައިޓެއް ދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.