ކަރަންޓީނު ފެސިލިޓީތައް ހުރި ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް އުސޫލުގެ ދަށުން ރިސޯޓުން ފޭބޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތައް ހުރި ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން ރިސޯޓުން ފޭބުމުގެ ހުއްދައަށް އެދެވޭނެ ކަމަށެވެ.
"ކަރަންޓީނު ފެސިލިޓީތައް ގޮތަށް ބޭނުންކުރާ ރިސޯޓުތަކުގައި ތިބި މުވައްޒަފުން، އެ މުވައްޒަފުންނަށް އެ ރަށްރަށުން ފޭބޭނެ އިންތިޒާމެއް ރޭވުމުގައި ޓެގުގެ ނިންމުން މިއަދު ވަނީ ލިބިފައި. މީގައި މިއޮންނަ ގޮތުން އެ ރިސޯޓުތަކުގައި ތިބޭ ސްޓާފުންނަކީ އެ ރިސޯޓުތަކަށް އެރުވޭ ޕޭޝަންޓުންނާ ދިމާނުވާ ބަޔަކަށް ވާތީވެ، އެ ދިމާނުވާ ސްޓާފުން އެންމެ ފަހު ގެސްޓު މީހާ އެތަނުން ފުރިތާ 14 ދުވަސްވީމަ އެ ރިސޯޓުން ފޭބުމަށް ޑެކްލަރޭޝަން ފޮނުވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން، ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދައަށް އެދުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ އެތަންތަނުން މީހުން ފޭބުމުގެ ހުއްދަދެމުންނެވެ. އެގޮތުން މިހާތަނަށް ފަސް ރިސޯޓަކާއި 38 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ވަނީ ދީފައެވެ.