ޚަބަރު

ކޮވިޑް 19އަށް ޝައްކުކުރެވޭ މީހަކު ފެނިގެން ވެލައްސަރު ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނިގެން ވެލައްސަރު ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ވެލައްސަރު ރިސޯޓުން ބައްޔަށް ޝައްކުކުރެވޭ ބިދޭސީއަކު ފެނިފައިވާ ކަމަށެވެ.

"ވެލައްސަރު ރިސޯޓު މިވަނީ އެއް ބިދޭސީއަކު ބަލީގެ އަލާމާތްތައް ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެންދެވިފައި،" އޭނާ ވިދާޅުވިއެވެ.

ވެލައްސަރު ރިސޯޓުގެ އިތުރުން މިވަގުތު ދެ ސަފާރީއަކާއި ގެސްޓްހައުސްއެއް ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ އައިލެންޑް ސަފާރީ އާއި މޯލްޑިވިއަން ސަފާރީ އަދި ސެވަން ކޮރަލް މާފުށި ގެސްޓްހައުސްއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް 19 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ. މިހާތަނަށް ބަލި ޖެހުނު 13 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން އަންނަނީ ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.