އަލީ ޔާމިން
އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ ހޮނިހިރު ދުވަހު ދަތުރެއް ކުރުމަށް ނިންމައިފިއެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ކުރާ ދަތުރުގައި ރާއްޖެ ގެންނާނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައިވަނިކޮށް ފްލައިޓު ކެންސަލްވުމާ ގުޅިގެން އެތަނުގައި ތާށިވެފައި ތިބި މީހުންނާއި އަދި އާސަންދައިގެ ދަށުން ޓްރިވެންޑްރަމަށް ބޭސްފަރުވާ ގޮސްފައި ތިބި މީހުން ކަމަށެވެ.
"އޭޕްރީލް 11 ވަނަ ދުވަހު އަޅުގަނޑުމެން ޓްރެވިންޑަރަމަށް ދަތުރެއް ކުރާނަން އެގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށްޓަކައި،" މޫސަ ވިދާޅުވިއެވެ.
ޓްރިވެންޑްރަމަށް މޯލްޑިވިއަނުން ކުރާ ދަތުރުގެ ޓިކެޓުގެ އަގަކީ 199 ޑޮލަރު ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މިހާތަނަށް މޯލްޑިވިއަނުން ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިން އިން ދިވެހިންތަކެއް ރާއްޖެ ގެނެސްދީފައެވެ. އަދި މާދަމާގެ ފަތިހުގެ ވަގުތެއްގައި މެލޭޝިއާއިން ވެސް ދިވެހިންތަކެއް ރާއްޖެ ގެނައުމަށް ވަނީ ނިންމައިފައެވެ.