ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވްވި ބިދޭސީ މީހާއަކީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގެ މުވައްޒަފެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ދެ ރިސޯޓު ކަމަށާއި އޭނާއަކީ އެ ދެ ރިސޯޓަށް ވެސް މަސައްކަތަށް ދިޔަ މީހެއް ކަމަށެވެ.
"މި ދެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައި އޮތީ އެ ރިސޯޓަށް ގޮސްފައި ހުރި ބިދޭސީއެއް، އެމީހާ އަނބުރާ ގައުމަށް ދިއުމަށްފަހުގައި މި ބައްޔަށް ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް އެނގިފައިވާތީވެ. އެއް މެނޭޖްމަންޓެއްގެ ދަށުގައި އޮންނަ ދެ ރިސޯޓު، މި ދެ ތަނުގައި މަސައްކަތްކުރަން އުޅުނު މީހެއް އެމީހާއަކީ،" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އޭނާ އެ ދެ ރިސޯޓުގައި އުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 އިން ފެށިގެން މިއަހަރުގެ މާޗް 31 އަށް ކަމަށާއި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި އެ ދެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.