ޚަބަރު

ކުރެއްދޫ ރިސޯޓު އޮރެންޖް އެލާޓުގައި އޮތީ ބަލި ޖެހުނު މީހެއްގެ ފަރާތުން އެހެން ބަޔަކަށް ބަލި ފެތުރުމުން: މަބްރޫކު

ކުރެއްދޫ އައިލެންޑް ރިސޯޓު އޮރެންޖް އެލާޓުގައި އޮތީ ބަލި ޖެހުނު މީހެއްގެ ފަރާތުން އެހެން ބަޔަކަށް ބަލި ފެތުރުމުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ 28 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވަންދެން ކުރެއްދޫ އޮރެންޖް އެލާޓުގައި ބޭއްވޭނެ ކަމަށެވެ.

"އެ ރަށުން މީހަކު ފުރައިގެން ދިއުމަށްފަހު ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް އެނގުނީ. އެ ރަށުގައި ތިބި ބަޔަކަށް އެމީހާގެ ކިބައިން އެހެން ބަޔަކަށް ބަލި ޖެހިފައިވާ ރަށަކަށް ވާތީ ޓެގުން ވަނީ އެ ރަށް އޮރެންޖް އެލާޓުގައި ބޭއްވުމަށް ނިންމާފައި. ވާހަކައަކީ ކޮންމެވެސް ވަރެއްގެ ހިއުމަން ޓު ހިއުމަން ޓްރާންސިޝަން ހިނގާފައިވާ ރަށަކަށްވާތީވެ، ރައްކާތެރިކަމުގެ ގޮތުން 28 ދުވަހުގެ ކަރަންޓީނުގެ ޕީރިއަޑެއް ކުރެއްދޫގައި އޮތީ. އެހެންވީމާ އެ ކަރަންޓީނު ޕީރިއަޑް ނިމެންދެން އެ ރަށް އެ ސްޓޭޓަސްގައި ބޭއްވުމަށް ނިންމިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ކުރެއްދޫންނެވެ. ކުރެއްދޫން ވަނީ ފަސް ބިދޭސީއަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރިން ކުރެއްދޫގައި ޗުއްޓީ ހާދަކުރި ފަތުރުވެރިޔަކު އެނބުރި ގައުމަށް ދިޔަ ފަހުން ވަނީ ޕޮޒިޓިވްވެފައެވެ. އެ ފަތުރުވެރިޔާ ފުރުވާލުމުގައި ކުރެއްދޫގެ އިހުމާލެއްވޭތޯ ބެލުމަށް މިހާރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.