ސަރުކާރުގެ ކޮވިޑް 19 ރިކަވަރީ ސްކީމްގެ ދަށުން ރިސޯޓުތަކަށާއި މިދިޔަ އަހަރު ދިހަ މިލިއަން ރުފިޔާއިން މަތީގެ އާމްދަނީއެއް ހޯދައިފައިވާ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުވާލައިފިއެވެ.
ސަރުކާރުން ގާއިމުކޮށްފައިވާ ރިކަވަރީ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮވިޑް 19އާ ގުޅިގެން މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރުދުންނާއި، ކޯޕަރޭޓްތަކުގެ އިތުރުން ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
ބީއެމްއެލުން ބުނީ މި ސްކީމްގެ ދަށުން އެ ބޭންކުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ދިިހަ މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދާފައިވާ ވިޔަފާރިތަކަށް ކަމަށެވެ.
މިއީ އެއްވެސް ރަހުނަކާ ނުލައި އަހަރަކު ހަ އިންސައްތަ އިންޓަރެސްޓުގައި ދޫކުރާ ފައިނޭންސިންއެއް ކަމަށާއި މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ޖުމްލަ ތިން އަހަރު ލިބޭނެެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނީ މި ގްރޭސް ޕީޑިއަޑްގައި އިންޓަރެސްޓް އަދި ޕްރިންސިޕަލް ޕޭމެންޓްވެސް ދައްކަން ނުޖެހޭނެ ކަމަށެވެ.
ބީއެމްއެލުން ބުނީ މި ނޫން ވިޔަފާރިތަކަށް ކޮވިޑް 19 ރިކަވަރީ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެހެނިހެން މާލީ އިދާރާތަކުން ލިބޭނެ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އިން ލިބޭނެ ކަމަށެވެ.
ބީއެމްއެލުން ވަނީ އިގުތިސާދީ އެހީގެ ޕެކޭޖަށް ހާއްސަ އެ ބޭންކުގެ ހުރިހާ ލޯނުތަކެއް ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ. މީގެ ތެރޭގައި ކިޔަވަން ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުތައް ވެސް ހިމެނެއެވެ.
މި ސްކީމާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓު https://www.bankofmaldives.com.mv/covid-19-recovery-scheme އިން ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.