މުހައްމަދު އައުޒަމް
މިއަހަރުގެ އެންމެ ބޮޑު ހަނދު "ސުޕާ ޕިންކް މޫން" މާދަމާ ރޭ ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ބޮޑު ހަނދު އެންމެ ފުރިހަމަކޮށް ރާއްޖެއަށް ފެންނާނީ ރާއްޖެގަޑިން މާދަމާ ރޭ 07:35 ގައި ކަމަށެވެ. ރާއްޖެ ސަރަހައްދަށް ހަނދު އަރާނެ ކަމަށް ލަފާކުރެވެނީ މާދަމާ އިރުއޮއްސި 06:40 އާއި 06:45 ދެމެދުގެ ވަގުތެއްގައި ކަމަށް ހާފިޒް ވިދާޅުވިއެވެ.
މާދަމާ ރޭގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އުތުރާއި ދެކުނުގައި ވިލާގެ އަސަރު ހުރި ނަމަވެސް މެދުރާއްޖެ ސަރަހައްދު ސާފުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހަނދު އެންމެ ފުރިހަމަވާ ވަގުތު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސާފުކޮށް ފެންނާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދުނިޔެއާއި އެންމެ ކައިރިއަށް މާދަމާ ރޭ ހަނދު ފެންނައިރު ހަނދު ފެންނާނީ އާންމުކޮށް ފެންނަވަރަށްވުރެން ހަތް އިންސައްތަ ބޮޑުކޮށް ކަމަށެވެ. އަދި ހަނދުގެ އަލިމިން 15 އިންސައްތަ ގަދަ ވާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.