ކޮވިޑް 19އާ ގުޅިގެން މާލެ ސިޓީ ބަންދުކުރާ ހާލަތްތަކުގައި ޑެލިވަރީގެ ހިދުމަތް ދޭނެ ހޮޓާ، ރެސްޓޯރަންޓް އަދި ފިހާރަތައް ރަޖިސްޓަރީވުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކައުންސިލްގެ ޕޯޓަލް http://faseyhagulhun.malecity.gov.mv މެދުވެރިކޮށް އެފަދަ ހިދުމަތް ދެވޭނެ ތަންތަނުން ރަޖިސްޓަރީވުމަށް އެދޭ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން މާލެ ސިޓީގެ އެއްވެސް ސަރަހައްދެއް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އާންމުންނަށް ހިދުމަތްދެވޭނެ ތަންތަނުގެ ސާވޭއެއްކޮށް އެތަންތަނުގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގެ 334 ފިހާރައަކާއި ވިލިމާލެ އިން 30 ފިހާރައެއްގެ މައުލޫމާތު އެއްކުރި ކަމަށާއި އޭގެ ތެރެއިން މާލޭގެ 269 ތަނަކާއި ވިލިމާލޭގެ 20 ތަނަކުން ތަކެތި ޑެލިވަރީ ކޮށްދެވޭނެ ކަމަށެވެ. އަދި ހުޅުމާލޭގެ 90 ތަނެއް ސާވޭ ކުރި އިރު 73 ތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، މާލެ ސިޓީއަށް ވަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު އިއުލާނުކޮށްފައެވެ. އަދި ސަރުކާރުން ވަނީ ހާލަތު ގޯސްވާނަމަ ކާފިއުގެ ވަގުތު އިތުރު ކުރަން ޖެހިދާނެ ކަމަށް ވެސް ބުނެފައެވެ.
ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ވެސް ވަނީ ނިންމައިފައެވެ.