އަލީ ޔާމިން
ބްރޯޑްކާސްޓްކުރުމުގެ މިންގަނޑާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޗެނަލް 13އަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ދީފިއެވެ.
އެ ކޮމިޝަނުން މިއަދު އެ ޗެނަލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ހާއްސަކޮށް ޗެނަލް 13 އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުންދާ ކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތް ވާ ގޮތުގެ މަތީން ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
މީގެ އިތުރުން އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތް ވާ ގޮތުގެ މަތީން ބެހެއްޓުމަށް ބާރު އަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށާއި ބްރޯޑްކާސްޓްކުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައި ވާނެ ކަމަށް ބްރޯޑްކޮމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ބްރޯޑްކޮމުން ބުނީ މި މިންގަނޑާއި ހިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ނަމަ އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށެވެ.