މޯބައިލް ފޯނުގެ ސިގްނަލް ލިބޭ މިންވަރު ރަނގަޅު ކުރަން އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ހަރުނުކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ފޯނުގެ ސިގްނަލް ރަނގަޅު ކުރުމަށް ބައެއް މީހުން އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ހަރުކުރަމުންދާ ކަމަށެވެ. އެގޮތަށް ހެދުމުން އެ ތަނެއްގައި ސިގްނަލް ވަރުގަދަވި ނަމަވެސް ބޫސްޓަރު ބަހައްޓާ ސަރަހައްދުގެ އެހެން މީހުންގެ ފޯނުގެ ސިގްނަލަށް އޭގެ އަސަރުކުރާ ކަމަށެވެ.
އެހެންކަމުން ސިގްނަލް ހޯދުމަށްޓަކައި ބޫސްޓަރާއި ރިޕީޓަރުފަދަ ތަކެތި އަމިއްލައަށް އިންސްޓޯލް ނުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އަދި ސިގްނަލް ލިބުމުގައި މައްސަލައެއް އުޅޭނަމަ އެކަން މޯބައިލް ހިދުމަތް ދޭ ކުންފުނިތަކަށް އަންގައި އެކަން ހައްލުނުވާނަމަ، އެ އޮތޯރިޓީއަށް ހުށަހެޅުމަށް ވެސް ކޮމިއުނިކޭޝަން އޮތޯރިޓީން އެދެއެވެ.
އެ އޮތޯރިޓީން ބުނީ ސިގްނަލް ލިބުމުގެ މައްސަލަ ހައްލުނުވާނަމަ އެ އޮތޯރިޓީން ވެސް އެހީތެރިވެދޭނެ ކަމަށެވެ. އެގޮތުން އެފަދަ މައްސަލަތައް އެ އޮތީރިޓީގެ ނަންބަރު 3030300 އަށް ނުވަތަ [email protected] ހުށަހެޅުމަށް ވަނީ އެދިފައެވެ.