ކޮވިޑް 19އާ ގުޅިގެން ދޮގު މައުލޫމާތު ފަތުރާނަމަ ހެލްތު މިނިސްޓްރީއަށް ރިޕޯޓު ކުރުމަށް ހެލްތު ޕްރަޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް 19އާ ގުޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރާ މީހުންގެ މައުލޫމާތު ހެލްތު މިނިސްޓްރީގެ [email protected] އަށް ރިޕޯޓް ކޮށްދިނުމަށް އެދޭ ކަމަށެވެ. އެގޮތުން އެފަދަ މައުލޫމާތު ހިމެނޭ ސްކްރީންޝޮޓް އަދި ދޮގު މައުލޫމާތު ފަތުރާ މީހުން/ޒަރިއްޔާ އަދި އެފަދަ މީހުންނާ ގުޅޭނެ މައުލޫމާތު ފޮނުވައިދިނުމަށް ވެސް އެދިފައިވެއެވެ.
އެޗްޕީއޭ އިން ވަނީ ކޮވިޑް 19އާގުޅޭ ތެދު މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށާއި ބައްޔާގުޅޭ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
ކޮވިޑް 19 ޖެހިފައިވާ 19 މީހަކު މިހާތަނަށް ރާއްޖެ އިން ވަނީ ފެނިފައެވެ. އެބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ސަރުކާރު އޮފީސްތަކާއި ސުކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު އިއުލާން ކޮށްފައެވެ.