ޚަބަރު

ރައީސް ސޯލިހު އިނގެރޭސީ ބޮޑު ވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އަށް ފަރުވާ ހޯއްދަވަމުން ގެންދެވި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އައިސީޔޫއަށް ބަދަލު ކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަމިއްލަ ނަންފުޅުގައި އަދި ދިވެހި ރައްޔިތުންގެ ނަމުގައި ބޮރިސް އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖެއް ފޮނުއްވަވައިފިއެވެ.

އިތުރު ފަރުވާއަށް ބޮރިސް އައިސީޔޫއަށް ބަދަލުކޮށްފައިވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވިތާ 10 ދުވަސް ފަހުން ބަލީގެ އަލާމާތްތައް މާބޮޑަށް ފެންނާތީ އެވެ. އެމަނިކުފާނު އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި ބޮރިސް ގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށާއި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އުމުރުފުޅުން 55 އަހަރުގެ ބޮރިސް އެޑްމިޓުކޮށްފައިވަނީ ލަންޑަންގެ އެސްޓީ ތޯމަސް ހޮސްޕިޓަލުގައެވެ.