އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ ވަބާއާއި ގުޅިގެން އެކި ކަންކަމަށް ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ އިރު، އެކަންކަމަށް ހަރަދު ކުރުމަށް ޒަކާތު ފަންޑުން ވެސް މިހާތަނަށް ތިން މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ރޭ ވިދާޅުވީ، ޒަކާތު ފަންޑުން އާއްމުގޮތެއްގައި އަށް ކަމަކަށް ހަރަދު ކުރާ ކަމަށެވެ. އޭގެ ތެރޭގައި ބޭސްފަރުވާ އާއި ތައުލީމް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ޒަކާތު ބޭސްފަރުވާ ފަންޑަކާއި ޒަކާތު ތައުލީމީ ފަންޑެއް ގާއިމް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ، ޒަކާތު ފައިސާ އެންމެ ރަނގަޅު ގޮތުގައި ހަރަދު ކުރުމަށްވެސް ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ޒަކާތު ފަންޑު ކޮމިޓީއެއް އުފެއްދުމުގެ އިތުރުން، ދީނީ އިލްމުވެރިން ހިމެނޭ ލަފާދޭ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުން ހަރަދު ކުރަނީ ލަފާދޭ ކޮމިޓީން ބަލައި ހުއްދަކުރާ ކަންތައްތަކަށް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ކަންތައްތަކަށް ޒަކާތުފަންޑުން ރަނގަޅު އެހީތަކެއް ވަމުން އަންނައިރު، ހުސްވި އަހަރު ބޭސްފަރުވާއަށް އެކަނިވެސް ޒަކާތު ފަންޑުން 16 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.