ސިއްހަތު ދުވަސް އަހަރެމެންނާއި މިބައްދަލުކުރީ މި ޖީލުގެ އެންމެ ބޮޑު ސިއްހީ ކާރިސާގެ ވަގުތުގައި ކަމަށާއި، ހިތްވަރުގަދަ ސިއްހީ ހިދުމަތްތެރީންނަށް ޝުކުރުދަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ހިދުމަތްތެރީންގެ ހިތްވަރު ގަދަކަމާއި ހިދުމަތްތެރިކަން މި މުހިންމު ހާލަތުގައި އަޅުގަނޑުމެންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނަމުން އަންނަ ކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހެން ހިދުމަތްތެރީން ކުރަމުން އަންނަ އެ މަސައްކަތް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ކޮވިޑް 10 ގެ ވަބާއިން، ވީ އެންމެ އަވަހަކަށް ދުނިޔެ ރައްކާތެރިކޮށްދެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުން އަންނަނީ އޭޕްރީލް މަހު ހަތް ވަނަ ދުވަހުއެވެ. މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ސަޕޯޓް ނާސެސް އެންޑް މިޑްވައިފްސް" އެވެ.