ޚަބަރު

މެލޭޝިޔާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި

އަލީ ޔާމިން

މެލޭޝިއާގައި އުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް 19 އާއި ގުޅިގެން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން މެލޭޝިއާއަށް މާދަމާ ކުރުމަށް ހަމަޖައްސާފައިވާ ފްލައިޓުގައި، މެލޭޝިއާގައި ތިބި ދިވެހިންނަށް ފޮނުވަން ބޭނުންވާ ތަކެތި، ހިލޭ ފޮނުވައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެހީގެ ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:30 އަށް ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ކަމަށެވެ.

އެގޮތުން ކާގޯގެ ގޮތުގައި ފޮނުވޭނީ މެލޭޝިއާގައި ލިބެން ނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށާއި ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތިކަމަށެވެ.

ކެއާ ޕެކެޖްގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކެއާ ޕެކެޖްގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކިއްލި
  • ހެދިކާ
  • މޭވާ
  • ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތައް
  • ތަރުކާރީ
  • ހަނޑޫ، ހަކުރު، ފުއް

ފޮރިން މިނިސްޓްރީން ބުނީ މި ފުރުސަތު ދެވޭނީ އެކަމަށް އެދި ފޯމު ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 500 މީހުންނަށް ކަމަށެވެ. އަދި އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.