ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމާ ހިލާފަށް ރިސޯޓަކުން ފޭބި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް މިދިޔަ ހޮނިހިރު ދުވަހު ޔޫ އެންޑް މީ ކޮކޫން ރިސޯޓުން ފަސް މީހަކު ރ. އަލިފުއްޓަށް ގޮސްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 11:50 ހާއިރު ފަސް ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް މަނާކޮށްފައެވެ. ރިސޯޓުތަކުން މީހުންނަށް ފޭބޭނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްވުމުން، އެޗްޕީއޭގެ ހުއްދައާއެކުއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު މަނަފަރު ރިސޯޓަށް އެ ރިސޯޓުގެ މުވައްޒަފަކު އަރާފައިވާ މައްސަލައެއް ވެސް މީގެ ކުރިން ފުލުހުންނަށް ހުށަހެޅުނެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މުވައްޒަފުގެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.