ޚަބަރު

ބޭރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބަލާނަން: މަބްރޫކު

އަލީ ޔާމިން

ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި އެންމެ އިންސާފުވެރިގޮތަކީ ކޮބައިތޯ ބަލާނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބޭރުގެ ގައުމުތަކުން މީހުން ރާއްޖެ ގެނައުމުގައި އަމަލު ކުރާ އުސޫލަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ވާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ މި ޕްލެޓުފޯމުގައި ދައުލަތުގެ ވަޒީރެއް ވިޔަސް، މެންބަރެއް ވިޔަސް އިންފުލުއެންސް އޮންނަ ވިޔަފާރިވެރިއެއް ވިޔަސް އަމިއްލަ ނުފޫޒު ބޭނުންކޮށްގެން މިކަހަލަ ކަމެއްގައި ވަކި ގޮތެއް ހޯދައިފައި ހުރިއްޔާ ހަމަ ޖަވާބުދާރީވެސް ވާނެ، އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅާނެ،" މަބްރޫކް ވިދާޅުވިއެވެ.

އިއްޔެ ސްރީލަންކާއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓުން ގެނެވުނު 100 ދިވެހިންގެ ތެރޭގައި ހިމެނީ ޓީސީ ޓީމުގެ 30 މީހުންނާއި، އާސަންދައާ ގުޅިފައިވާ 20 ފަރާތެއް ކަމަށާއި ބާކީ ތިބި 50 މީހުންނަށް ޓިކެޓު ދޫކުރެވުނީ ފަސްޓް ކަމް ފަސްޓް ސާވް އުސޫލުގެ ދަށުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ސްރީކަންކާއިން ރާއްޖެ އަންނަން ބޭނުންވެގެން 1،000 އަށްވުރެ ގިނަ މީހުން ޓިކެޓަށް އެދިފައިވާ ކަމަށާއި، މީހުން ގެނައުމުގައި ދެ ކަމެއް ސަރުކާރުން ބަލާފައިވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ އަޅުގަނޑުމެން އެބަ ބަލަން ކޮންމެ ގައުމެއްގައިވެސް ތިބި ރައްޔިތުންނަކީ ކޮބައިކަން، އެމީހުން ތިބީ ކޮން ހާލެއްގައި ކަން، އެމީހެއް ހުރި ހިސާބެއްގައި ކަންތައްތައް ދަނީ ކިހިނެތް ކަން. ދެވަނަ ކަމަކަށް އެކި އެމްބަސީތަކުން އަޅުގަނޑުމެން ބަލައިފިން އެގައުމުތަކުގައި ރެޖިސްޓާވެފައި ހުރި ފަރާތްތަކުގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ ކޮންބައެއް ތޯ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކޮޗިން އިން ރާއްޖެ އައި ފްލައިޓުން 181 ދިވެހިން ގެނެވިފައިވާ ކަމަށާއި އޭގެ ތެރެއިން 117 މީހުންނަކީ ކޮވިޑް 19އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން ކެންސަލްވި މޯލްޑިވިއަންގެ ފްލައިޓުން ޓިކެޓު ނަގައިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ބާކީ 71 މީހުންނަކީ ބޭސްފަރުވާއަށް ގޮސް ތިބި މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް މިމަހުގެ އަށްވަނަ ދުވަހު މޯލްޑިވިއަނުން ބާއްވާ ފްލައިޓުން ޓިކެޓު ގަތުމަށް އޮންލައިންކޮށް ހުޅުވާލައިފައިވާ ކަމަށާއި، ޓިކެޓަށް އެދޭ ތަރުތީބުން ޓިކެޓު ދޫކުރާނެ ކަމަށެވެ. މެލޭޝިއާއިން ރާއްޖެ އަންނަނީ 200 މީހުންގެ ޖާގައިގެ ފްލައިޓެކެވެ.

މަބްރޫކް ވިދާޅުވީ، ފްލައިޓަށް މީހުން އެރުވުމުގައި ތިން ހާލަތެއް މިހާތަނަށް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި ނަމަވެސް އަދިވެސް އިސްލާހުކުރަން ކަންކަން އެބަހުރި ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ޓިކެޓުތަކުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ފްލައިޓުތަކަށް މީހުން އެރުވުމުގައި އެންމެ އިންސާފުވެރިގޮތަކީ ކޮބައިތޯވެސް އެއީ އަލުން އަނބުރާ އަޅުގަނޑުމެން ބަލާލަން ޖެހޭ ކަމެއް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރުން ވީހާވެސް ގިނަ ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ ވިސްނުމަކީވެސް އެއީ ކަމަށެވެ.