ރާއްޖޭގައި ކޮވިޑް 19 ނުފެތުރޭކަން ކަށަވަރުކުރުމަށް ހާއްސަ ސާވޭއެއް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު، ޑޮކްޓަރު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިހާރުވެސް ކޮމިޔުނިޓީ ސްޕްރެޑް ހުރިތޯ ދެ ގޮތަކަށް ބަލަމުން އަންނަ ކަމަށެވެ.
"އެއްގޮތަކީ ނޭވާލާ ނިޒާމުގެ އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލުގައި އެޑުމިޓް ކުރެވޭ މީހުން ޓެސްޓުކުރުން. އެއާ އެއްކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އަޅުގަނޑުމެން އެޗްޕީއޭއިން ބަލަމުންދާނެ ޑެއިލީކޮށް، ހަމަ ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް ރިޕޯޓު ކުރާ މިންވަރު އެއްވެސް ވަރަކަށް އިތުރުވޭތޯ އަޅުގަނޑުމެން ޗެކް ކުރަމުން އެބަ ގެންދަން. އޭގެ އިތުރުން ފްލޫ ކްލިނިކަށް ދިޔަ މީހުންގެ ސާމްޕަލް ކޮންމެވެސް ވަރަކަށް ނެގިން ކޮމިޔުނިޓީ ތެރޭގައި އުޅޭތޯ ބަލަން. މިހާތަނަށް އައިއިރު ނެތް އިންޑިކޭޝަނެއް ލިިބިފައެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޔުނިޓީ ސްޕްރެޑް ހުރިތޯ ކަށަވަރުކުރުމަށް އިތުރު ސާވޭއެއް ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ސާމްޕަލް ނަގާނެ މީހުންގެ އަދަދާއި، މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ލުއިކުރުމުން ކޮމިޔުނިޓީ ސްޕްރެޑަކަށް މަގުފަހިވާނީ ކިހާވަރަކަށްތޯ ބެލުމުގެ މަސައްކަތް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކަށް ލުޔެއް ދޭނީ ކޮމިޔުޓީ ސްޕްރެޑް ހުރިތޯ ބެލުމަށް ކުރާ ސާވޭގެ ނަތީޖާއަށް ބިނާކޮށްކަމަށެވެ.