ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެސްއެމްއެސްކޮށްގެން ގޭސް ފުޅިއަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭހުން ހަމަޖައްސައިފިއެވެ.
މިއަދު ފެށި މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ކަސްޓަމަރެއްގެ ކޯޑާއި އައިޑީ ކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރުމުން އޯޑަރު ކުރެވޭނެއެވެ. އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.
މޯލްޑިވް ގޭހުން ބުނީ ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުންވެސް އޯޑަރު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވް ގޭހުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ފައިސާ ދެއްކޭ އިންތިޒާމު ވެސް އެ ކުންފުނީގެ ވެބްސައިޓު maldivegas.com/order މެދުވެރިކޮށް ހަމަޖައްސައިފައެވެ.
މޯލްޑިވް ގޭހުން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް މީގެ ކުރިންވެސް މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މިދިޔަ މަހު އެ ކުންފުނިން ވަނީ ގޭސްފުޅިތަކާއި ޑެލިވަރީ ވެހިކަލްތައް ޑިސްއިންފެކްޓު ކުރުމުގެ ޕްރޮގްރާމެއްވެސް ފަށައިފައެވެ.