ޚަބަރު

ފެލައިނީގެ ކޮންޓެކްޓުންގެ ގޮތުގައި އެކަހެރި ކުރި ތިން މީހަކު ހިމެނޭގޮތަށް 63 މީހަކު ދޫކޮށްލައިފި

ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީގެ ކޮންޓެކްޓުންގެ ގޮތުގައި އެކަހެރި ކުރި ތިން މީހުން ހިމެނޭ ގޮތަށް މިއަދު ޖުމްލަ 63 މީހަކު ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލައިފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިއަދު ދޫކޮށްލެވިފައިވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އާއި ބަނޑޮސް ކަރަންޓީނު ފެސިލިޓީ އަދި މަޑިވަރު ކަރަންޓީނު ފެސިލިޓީގައި ތިބި ބަޔަކު ކަމަށާއި އެ މީހުން ދޫކޮށްލީ ޑަބަލް ނެގަޓިވްވުމުން ކަމަށެވެ.

"މިއަދު ވަނީ އެކި ކަރަންޓީނު ފެސިލިޓީތަކުންނާއި އައިސޮލޭޝަން ފެސިލިޓީތަކުން ވަނީ ބަޔަކު ދޫކޮށްލެވިފައި. ވެލިދޫ އައިސޮލޭޝަން ފެސިލިޓީން ފެލައިނީގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ތިން މީހަކު އައިސޮލޭޓްކުރެވިފައި ތިބި. އެ ތިން މީހުން ޑަބަލް ނެގަޓިވްވުމާ އެކީގައި މިރޭ ދޫކޮށްލެވިފައި މިވަނީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ބަނޑޮސް ކަރަންޓީނު ފެސިލިޓީގައާއި މަޑިވަރު ކަރަންޓީނު ފެސިލިޓީގައި ތިބި ޖުމްލަ 60 މީހަކު ވެސް ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 41 މީހެއް ސާމްޕަލް މިއަދު ނަގާފައިވާ ކަމަށާއި އެމީހުންގެ ތެރެއިން ނެގަޓިވްވާ އެންމެން މާދަމާ ދޫކޮށްލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.