ކާފިއު ވަގުތުގައި މަގުމައްޗަށް ނުކުމެ އުޅުނު އިތުރު މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މަގުމައްޗަށް ނުކުމެ އުޅުނު މީހުންގެ ތެރެއިން އެކަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ކާފިއު ވަގުތުގައި ބޭރަށް ނުކުމެ އުޅުމުން ފުރަތަމަ ފަހަރަށް މީހަކު ޖޫރިމަނާކޮށްފައިވަނީ އިއްޔެއެވެ. އެހެންކަމުން މިހާތަނަށް މިވަނީ ޖުމްލަ ދެ މީހަކު ޖޫރިމަނާކޮށްފައެވެ.
މިއަދު 182 މީހަކަށް ފުރަތަމަ ނަސޭހަތްދީފައިވާ ކަމަށާއި އެއީ 150 ދުވެހިންނާއި 33 ބިދޭސީން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މިއަދު ދެވަނަ ނަސޭހަތްދީފައިވަނީ ހަ މީހަކަށެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00އަށް ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިއަދަކީ ދެވަނައަށް އެންމެ ގިނަ މީހުންނަށް ނަސޭހަތްދިން ދުވަހެވެ. އެންމެ ގިނަ މީހުންނަށް ނަސޭހަތްދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދުވަހު ފުލުހުން ވަނީ 284 މީހަކަށް ނަސޭހަތްދީފައެވެ.
ކާފިއު ވަގުތުގައި މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްދިނުމަށްފަހު ތަކުރާރުވާ ނަމަ، 1000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވަނީ ނިންމައިފައެވެ.