ޚަބަރު

މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނުގެންގުޅެން: މޯލްޑިވިއަން

ކޮވިޑް 19އާ ގުޅިގެން ގެއްލުންވީ ނަމަވެސް މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެހެން ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަދި ވިސްނުމެއް ނެތް މަދު ކުރާކަށް. އަޅުގަނޑުމެން މި ގަބޫލުކުރަނީ މިހާރު ތިބި މުވައްޒަފުންނާ އެކީގައި އަދިވެސް ކުރިއަށްގެންދެވޭނެ ކަމަށް. އެހެން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އަޅުގަނޑު ގަބޫލުކުރަނީ ގުޅުން ހުރި އިދާރާތަކާ އެކީގައި މަޝްވަރާކޮށްގެން ބަދަލުތަކެއް ގެންނާނެ ކަމަށް. މިސާލަކަށް ދަންނަވާކަމަށްވާނަމަ، ފިނޭންސް މިނިސްޓްރީ އާއި އަޅުގަނޑުމެންނާ ދޭތެރޭ އެ މަޝްވަރާ ކުރެވޭނެ. އެކަމަކު މިހާތަނަށް މިވަގުތަކަށް މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނުގެންގުޅެން،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަކަށް ވެސް އޭގެ އަސަރު ކުރާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރާއެކު މޯލްޑިވިއަނަށް ވެސް އެކަމުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.

"ކޮވިޑް 19އާ ގުޅިގެން ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަކަށް ވެސް އޭގެ އަސަރު އެބަ ކުރޭ. ހާއްސަގޮތެއްގައި ދަތުރުފަތުރު. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އިގުތިސާދުގެ އެއް ތަނބުގެ ގޮތުގައި މިއޮންނަނީ ފަތުރުވެރިކަން. އަޅުގަނޑުމެންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފެތުރުމުގައި ތިބި ބައެއް. އެހެންވީމާ އަޅުގަނޑުމެންގެ އެ ހުރިހާ ދަތުރުތަކަށް ބެލީމަ ވެސް ދަތުރުފަތުރު މަދުވުމާ އެކީގައި އަޅުގަނޑުމެންނަށް ވެސް އޭގެ ގެއްލުން ނޫނީ އޭގެ އަސަރު އެބަ ފެނޭ،" އޭނާ ވިދާޅުވިއެވެ.

އިގުތިސާދަށް ލިބެމުންދާ ގެއްލުމާ ގުޅިގެން މޯލްޑިވިއަނުން ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މޯލްޑިވިއަނުން ވަނީ މެނޭޖްމަންޓް ލެވެލުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައިން 20 ޕަސަންޓް ކުޑަކުރުމަށް ނިންމައިފައެވެ.