ޚަބަރު

ދީނީ ޗެނަލް ހަދަން ޒަކާތު ފަންޑުން ދިން ފައިސާގެ ތެރެއިން 1.4 މިލިއަން ރުފިޔާ ބޭނުންކުރި ގޮތެއް ނޭނގެ

އަހުމަދު ޖައިޝަން

7

ދީނީ ޗެނަލް އުފެއްދުމަށް އިސްލާމިކް މިނިސްޓްރީން ޕީއެސްއެމަށް ދޫކުރި 7.9 މިލިއަން ރުފިޔާގެ ތެރެއިން 1.4 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ޒަކާތު ފަންޑުން ޕީއެސްއެމްއަށް 7.9 މިލިއަން ރުފިޔާ ދީފައި ވަނީ ޗެނަލް އިކުއިޕްމެންޓް ގަންނަން ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ 15 އިކްއިޕްމެންޓެއް ގަތުމަށް ހަރަދުކޮށްފައި ވަނީ 1.6 މިލިއަން ރުފިޔާ ކަމަށެވެ. އެ ހިސާބަށް ބަލާނަމަ އެކައުންޓުގައި ބާކީ 6.2 މިލިއަން ރުފިޔާ ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ނަމަވެސް އެ އެކައުންޓުގައި ހުރީ 4.8 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ އެކައުންޓުގައި ބާކީ ހުންނަން ޖެހޭ ވަރަށް ނެތްކަން އެކައުންޓް ސްޓޭޓްމެންޓުން އެނގޭ ކަމަށެވެ. އަދި ބާކީ ފައިސާ ހޭދަ ކޮށްފައިވާ ގޮތުގެ މައުލޫމާތެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

"ކަން މިހެން އޮތް އިރު، ޕީއެސްއެމަށް ދޫކުރި ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވާ ގޮތް ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެއެވެ." ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟