ޚަބަރު

މޫމިނާ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

އައިދާ އަބްދުލް ހަކީމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައިތާފުޅު ގ. ފަހިވާގޭ މުއުމިނާ އަބްދުލްގައްޔޫމު އަވަހާރަވުމާ ގުޅިގެން، ރައީސް މައުމޫނަށާއި އެ އާއިލާއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީސް ބުނީ، މޫމިނާ އަވަހާރަވި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް ސޯލިހު، ރައީސް މައުމޫނަށް ފޯނުން ގުޅުއްވައި އެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށާއި އަދި ސަރުކާރަށް މުއުމިނާ ކޮށްދެއްވާފައިވާ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރެއްވި ކަމަށެވެ.

މޫމިނާ އަބްދުލްގައްޔޫމު އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ކުރެއްވެވި ޓުވީޓު

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫމިނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު ހަވީރެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

އެކަމަނާ ސަރުކާރަށް ފުރަތަމަ ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 8 އޭޕްރިލް 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ އަމީރު އަހުމަދުގެ މުދައްރިސާކަމުގެ މަގާމެވެ. އޭގެފަހުން، އަމީނިއްޔާ ސްކޫލުގެ މުދައްރިސާކަން ވެސް ކުރެއްވިއެވެ.

ދެވަނަ ފަހަރަށް ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1 ސެޕްޓެމްބަރު 1987ގައެވެ. އޭރު ހަމަޖެއްސެވީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެހީތެރިޔާ ކަމުގެ މަގާމަށެވެ. އޭގެފަހުން، އެމަރުކަޒުގެ އިސް އެހީތެރިޔާ ކަމާއި އެސިސްޓެންޓް ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ.

މޫމިނާއަކީ ގަލޮޅު އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާކަމުގެ މަގާމާއި ވެރިޔާގެ އިސް އެހީތެރިޔާކަމުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި އަދި ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ގަލޮޅު އަވަށުގެ ތަރައްގީއަށް މުއުމިނާ ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ވެސް ކުރައްވައިފައެވެ. މުއުމިނާއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 1 ސެޕްޓެމްބަރު 2007 ގައެވެ.

މޫމިނާއަކީ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމާފުޅުވެސް މެއެވެ.