ޚަބަރު

މެލޭޝިއާ އިން ކުރާ ދަތުރުގެ ޓިކެޓުގެ އަގަކީ 330 ޑޮލަރު، މިއީ ފައިދާއަކާ ނުލައި ކުރާ ދަތުރުތަކެއް: މޯލްޑިވިއަން

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން މެލޭޝިއާގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ކުރާ ދަތުރުގެ ޓިކެޓުގެ އަގަކީ 330 ޑޮލަރު ކަމަށާއި ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކަކީ ފައިދާއަކާ ނުލައި ކުރާ ދަތުރުތަކެއް ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މޯލްޑިވިއަންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް މިމަހުގެ އަށްވަނަ ދުވަހު މޯލްޑިވިއަނުން އެގައުމަށް ކުރާ ދަތުރުގެ ޓިކެޓުގެ އަގަކީ 330 ޑޮލަރު ކަމަށެވެ. އަދި އެ ދަތުރު ކުރަނީ 200 މީހުންގެ ޖާގައިގެ ބޯޓެއްގައި ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

"މެލޭޝިއަށް 330 ޑޮލަރު އެއީ އަށްވަނަ ދުވަހު ކުރާ ދަތުރުގެ. ސްރީލަންކާއަށް 300 ޑޮލަރު. ކޮޗިންނަށް 265 ޑޮލަރު އެނޫން އަގެއް މޯލްޑިވިއަނުން ނުގަނާނެ،" މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން މޯލްޑިވިއަންގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަކީ ވިޔަފާރި އުސޫލުން ކުރާ ދަތުރުތަކެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ އެންގުމަށް ގައުމީ އެއާލައިންގެ ހައިސިއްޔަތުން ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ. އެ ދަތުރުތައް ކުރަނީ ފައިދާއަކާ ނުލައި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ދަތުރުތައް މިކުރަނީ އެޓް ކޯސްޓުގައި. ހަގީގަތުގައި މި ދަތުރުތަކަކީ އަޅުގަނޑުމެން ފައިދާއަކާ ނުލައި ކުރާ ދަތުރުތަކެއް،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ހުރިހާ ދިވެހިން ގެނެވެންދެން ސަރުކާރުން ދަތުރުތައް ރާވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެތެރޭގެ ބައެއް ދަތުރުތައް އިތުރުކުރަން މޯލްޑިވިއަނުން ވިސްނަމުން އަންނަކަމަށްވެސް މޫސަ ވިދާޅުވިއެވެ.