ޚަބަރު

މީހުން ގެނައުމަށް އަޅުގަނޑުމެން ވަކި އުސޫލެއް ނުގެންގުޅެން، ވަކި ބަޔަކު ގެންނާކަށް މަސައްކަތެއް ނުކުރަން: މޯލްޑިވިއަން

އަލީ ޔާމިން

ގައުމީ އެއާލައިން، މޯލްޑިވިއަނުން މީހުން ގެނައުމަށް ވަކި އުސޫލެއް ނުގެންގުޅޭ ކަމަށާއި ވަކި ބަޔަކު ގެންނާކަށް މަސައްކަތެއް ނުކުރާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކުގައި ވަކި ބަޔަކު ގެނައުމަށް ވަކި އުސޫލެއް ނުގެންގުޅޭ ކަމަށެވެ.

"ވަކި މީހަކު ގެންނާކަށް، ވަކި ބަޔަކު ގެންނާކަށް މޯލްޑިވިއަންގެ ފަރާތުން އެއްވެސް އުސޫލެއް ނުގެންގުޅޭ،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، މޯލްޑިވިއަންގެ ޓިކެޓުތަށް އޮންލައިންކޮށް ގަނެވެން ހުންނާނެ ކަމަށާއި ޓިކެޓަށް އެދުނު އެންމެހާ ފަރާތްތަކަށް މޯލްޑިވިއަންގެ ފަރާތުން ޓިކެޓު ލިބުނުކަން ނުވަތަ ނޫންކަންވެސް އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ފުރިހަމައަށް އިތުބާރުކުރަން އަޅުގަނޑުމެންގެ ރިޒަވޭޝަން ޓީމަށް. އެ ޓީމުން ޓިކެޓު ލިބުނު މީހުންނަށް އެ ޓިކެޓު ލިބުނުކަން ނުވަތަ ނުލިބޭ މީހުންނަށްވެސް އެކަން އަންގާފައިވާނެ،" މޫސަ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމުގައި މޯލްޑިވިއަނުން ވަކި އުސޫލެއް ނުގެންގުޅޭ ކަމަށް ބުނެފައިވާއިރު ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރާއްޖެއިން ބޭރުން މީހުން ގެނައުމުގައި އެގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.