އަލީ ޔާމިން
ރ. އިންނަމާދޫގައި ބިދޭސީއަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު އެރަށު ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިންގި އެ މާރާމާރީގައި ހަމަލާދީފައިވަނީ އިންނަމާދޫ ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންދުލަދޭޝް މީހަކަށެވެ. މާރާމާރީގައި އޭނާގެ ނޭފަތްމައްޗާއި ވާތު ލޯ ކައިރިވެސް ފަޅާލާފައިވެއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 48 އަހަރާއި 38 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ނަމަވެސް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެމީހުން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނާގޮތުގައި އެމީހުން ދޫކޮށްލީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ އާއި ޑޮކްޓަރުގެ ލިޔުމާއި، މަންޒަރު ދުށް މީހުންގެ ބަޔާންވެސް ހުށައަޅާފައިވަނިކޮށެވެ.
އެކަމާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ހެކިތައް ހުށަހަޅާފައިވަނިކޮށް، ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލި މައްސަލަ ބެލުމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ހުށަހަޅާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނީ، އެ މާރާމާރީ ހިންގާފައިވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަށް އޭނާ ފެން ދޭން ހުއްޓައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިންތަކަށް ފެން ބުރާތީވެ، "ބޭބެ ފެންޖަހާއިރު މި ތަކެއްޗަށް ފެން އަންނަނީއޭ" ބިދޭސީ މީހާ، ބުނުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.