ޗެނަލް ލިސްޓުން ޕީސްޓީވީ ނަގާފައި ނުވާނެ ކަމަށާއި އެޗެނަލް ނުފެންނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް މީޑިއާނެޓުން ބުނެފިއެވެ.
މީޑިއާނެޓުން އެހެން ބުނެފައިމިވަނީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް އިސްކޮށް ހުންނަވާ ހިންގަމުންދާ ޕީސްޓީވީ ދެއްކުން ހުއްޓާލާފައިވާ ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
އެގޮތުން ޕީސްޓީވީ ނުލިބޭތީ މީޑިއާނެޓްގެ ކޯލް ސެންޓަރަށް ގުޅުމުން އެ ޗެނަލް ދެއްކުން ހުއްޓާލީ އާންމުންގެ އެދުމުގެ މަތިން ކަމަށާއި އަދި މީޑިއާނެޓްގެ ޗެނަލްތަކުގެ ލިސްޓުން އެ ޗެނަލް ނަގަން ގިނަ ބަޔަކު އެދިފައިވާ ކަމަށް މީޑިއާނެޓުން ޖަވާބުދިން ފަރާތުން ބުނެފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މީޑިއާނެޓްގެ މާކެޓިން މެނޭޖަރު "ވަން" އަށް ވިދާޅުވީ އެޗެނަލް ނުފެންނަނީ ސެޓަލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތަށް އެތަނުން ޖަވާބު ދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންގެ ތަފާތު ދަރުސްތަކާއި ޕްރޮގްރާމްތައް ފޮނުވަމުންދާ ޕީސްޓީވީ އިންޑިއާގައި ދެއްކުން ވަނީ މަނާކޮށްފައެވެ. އެއީ ހަރުކަށި ފިކުރަށް ޑރ. ޒާކިރު ހިތްވަރުދޭ ކަމަށް އެގައުމުން ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.
ޑރ. ޒާކިރު ނައިކު 2016 ވަނަ އަހަރު އިންޑިއާއިން ފިއްލެވި ގޮތަށް ދިރިއުޅުއްވަނީ މެލޭޝިއާގައެވެ. އެއީ އެ އަހަރު ޑާކާގެ ކެފޭއަކަށް ދިން ހަމަލާއެއްގައި ޒާކިރުގެ ބައިވެރިވުމެއް އޮތް ކަމަށް އިންޑިއާއިން ތުހުމަތުތަކާ ގުޅިގެންނެވެ.