އިސްލާމިކް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް މިހާރު މޮރަޓޯރިއަމަށް (ފަހުން ފައިސާ ދެއްކުމަށް) އެދި ހުށަހެޅޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
އެ ބޭންކުން މިއަދު ބުނީ ކޮވިޑް 19އާ ގުޅިގެން އިގުތިސާދަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަށް ފޯރުކޮށްދިނުމަށްޓަކައި ގިނަ ގައުމުތަކުގެ ސަރުކާރުތަކާއެކު އެބޭންކުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރުން ނަގާފައިވާ ލޯނުތަކަށް ފައިސާދެއްކުން ފަސްކޮށްދެމުން އަންނަ ކަމަށް ވެސް އެބޭންކުން ވަނީ ބުނެފައެވެ.
އެގޮތުން ބީއެމްއެލުން މިއަދު އިއުލާނު ކުރި މޮރަޓޯރިއަމަކީ ފައިނޭންސިން ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުމެވެ. އެގޮތުން ބީއެމްއެލް އިސްލާމިކުން ނަގާފައިވާ ފައިނޭންސިން ފެސިލިޓީތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ބީއެމްއެލުން ބުނީ އެގޮތަށް ހަމަޖެއްސީ ކޮވިޑް19ގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކަމަށާއި އެ ބޭންކުން ގަބޫލުކުރާ ގޮތުގައި ހަ މަސްދުވަހަކީ މިހާރު މިއޮތް ހާލަތަށް ބަލާފައި އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އެހެންނަމަވެސް ހާލަތަށް ރިއާޔަތްކޮށް، އެ އުސޫލަށް ބަދަލު ގެންނަންޖެހިއްޖެ ހިނދެއްގައި، އެ ބަދަލެއް ގެންނާނެ ކަމަށް ވެސް އެބޭންކުން ވަނީ ބުނެފައެވެ.
މޮރަޓޯރިއަމް ފެސިލިޓީ ނަގާފައިވާ ފަރާތުން އެ ބޭންކުން ދޭ ހަ މަހުގެ މުއްދަތުގައި އެއްވެސް ފައިސާއެއް ބޭންކަށް ދައްކާކަށް ނުޖެހޭނެ ކަމަށާއި އެ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ކަސްޓަމަރުގެ ކްރެޑިޓް ހިސްޓަރީއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އެ މުއްދަތުގައި ވެސް ބޭންކަށް ކަސްޓަމަރު ދައްކަން ޖެހޭ ފައިދާ ހިސާބުކުރެވޭނެ ކަމަށާއި އެ އުސޫލުން ފައިސާ ދެއްކުން ފަސްކުރަން ހުއްދަ ދޭ މުއްދަތު ނިމުމުން ފައިސާ ދެއްކުން ފަސްކުރެވުނު ފައިސާ މަހުން މަހަށް ބަހާލައިގެން ބޭންކަށް ދައްކަންޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ އެގޮތަށް ހުށަހެޅޭނީ ހައުސިން އަދި ބިޒްނަސް ފައިނޭންސިން ފެސިލިޓީތަކަށް ކަމަށާއި ނަމަވެސް ބީއެމްއެލް އިސްލާމިކް ވަކާލާގެ އުސޫލުން ދޭ އޯވަޑްރާފްޓް ފެސިލިޓީތަކާއި، މުރާބަހާ އުސޫލުން ދޫކުރެވިފައިވާ އެއްވެސް ފެސިލިޓީއަކަށް މި އުސޫލުގެ ދަށުން ފައިސާދެއްކުން ފަސްކޮށް ނުދެވޭނެ ކަމަށެވެ.
މޮރަޓޯރިއަމްގެ ސަބަބުން ފައިނޭންސިން ފެސިލިޓީ ނަގާފައިވާ ފަރާތްތަކަށް ލިބޭނެ ލުޔަކީ، ދައްކަން ޖެހޭ ފައިސާ މި ދަނޑިވަޅުގައި ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފަހުން ފައިސާ ދެއްކުމުގެ ފުރުސަތު ލިބުމުގެ ސަބަބުން މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީއަކަށްވާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.
ބީއެމްއެލް އިސްލާމިކް ފައިނޭންސިން ކަސްޓަމަރުންނަށް މޮރަޓޯރިއަމަށް ހުށަހެޅުމަށް: http://bit.ly/3aE7jGC
އިތުރު މައުލޫމާތު: https://bit.ly/39LCy1p