މުޅި ދުނިޔެއަށް ފެތުރިފައިވާ އަދި ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް 19 އާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ކަންފަސޭހަ ކޮށްލައިފި ނަމަ ރާއްޖެ ހޯދައި ނުފެންނަ ހިސާބަށް ފަހަތަށް ކަންކަން ދިއުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އިތުރު 5،000 ޓެސްޓު ކިޓު ހަދިޔާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މުޅި ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކަށް މި ބަލީގެ އަސަރު ފޯރާފައިވާ ކަމަށެވެ. އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީ، އިންސާނީ ވަސީލަތްތައް އަދި އެމީހުންގެ ތަޖުރިބާއާވެސް ނުބައްދަލު ހާލަތެއް މި ބަލީގެ ސަބަބުން ޖެހިފައިވާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ގައުމުތަކަށް މިހާލު ޖެހިފައިވާ އިރު، ރާއްޖެއަށް އެހާލަތު ދިމާވެއްޖެ ނަމަ ވާނެ ގޮތަކާމެދު ވިސްނާލުމަކީ މުހިއްމު ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުން، ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، ސަރުކާރު މުވައްޒަފުން އަދި ކޮވިޑް 19 ޓާސްކް ފޯހުގެ މުވައްޒަފުން ފަދަ މީހުން މަސައްކަތް ކުރަނީ 24 ގަޑިއިރު ކަމަށެވެ. އަރާމު ކުރުމަށް ގިނަ ވަގުތުތަކެއް ނުލިބި ހުއްޓުމެއްނެތި އެ މީހުން މަސައްކަތް ކުރަނީ ރާއްޖޭގެ މުޅި އާބާދީ މި ބަލިން ސަލާމަތް ކުރުމަށް ކަމަށް އަމީން ވިދާޅުވިއެވެ.
ރައްޔިތުން ގޭގައި މަޑުކޮށް، ސަރުކާރުގެ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުން ވެގެން ދާނީ އެ އެންމެނަށް މަސައްކަތުގައި ދެމި ތިބުމަށް ލިބޭ ހިތްވަރަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ކޮވިޑް 19ގެ ނުރައްކާތެރިކަމާ މެދު ސީރިއަސްކޮށް ދެކެންވީ ވަގުތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.