އިބްރާހިމް ޒަކީ
ގާނޫނުއަސާސީގައި މިވަގުތު އަތް ނުލައިފިނަމަ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކްހެލްތަށް އެދެވެނީ ވަރަށް ބައިވަރު ބާރުތަކެއް ކަމަށާއި، އެއާއެކު އެ ދެވެނީ އަޅުގަނޑުމެންގެ އިންތިހާބުތަކާ ކުޅުމުގެ ބާރު ކަމަށް، ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.
ކޮވިޑް 19އާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންނުވާނެ ކަމަށް، ބުނެފައިވާ ހާލަތުތޯ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި އަލީ އާޒިމް ވިދާޅުވީ، ގައުމަށް މިއޮތީ ހާއްސަ ހާލަތެއްގައި ކަމަށާއި މިހާލަތުގައި ގާނޫނުއަސާސީގައި އަތްލުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސިއަށް އިސްލާހު ގެންނަންޖެހޭނީ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު އާއްމު ހާލަތަކަށް އައުމުން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމަށް ރައްދު ދެއްވައި، ހަސަން ލަތީފު ވިދާޅުވީ، މިއީ ކޮންމެހެންވެސް ގާނޫނުއަސާސީގައި އަތްލާންޖެހޭ ދަނޑިވަޅެއް ކަމަށެވެ. އަދި މިދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެސްފިނަމަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓާ ޖެނެރަލަށް އެ ދެވެނީ ވަރަށް ބައިވަރު ބޮޑެތި ބާރުތަކެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އެ ބާރުގެ ދަށުން ގާނޫނުއަސާސީއާ ގުޅެން ޑިރެކްޓާ ޖެނެރަލަށް ބާރު ލިބިގެންދާނެ ކަމަށާއި އެއީ ގާނޫނުއަސާސީ ދެކޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ، އެހެންވެއްޖެނަމަ އިންތިހާބުތައް ފަސްކުރުމާއި، އިންތިހާބުތަކުގެ މުއްދަތުތައް ކަނޑައެޅުމުގެ ބާރުވެސް އެފަރާތައް ލިބގެންދާނެ ކަމަށާއި އެކަން އެހެންވިޔަ ނުދިނުމަށްވެސް މިދަނޑިވަޅުގައި ކޮންމެހެން ގާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.