ސަރުކާރުގެ ވެރީންނާއި އިއްޒަތްތެރީން ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކާ ގުޅިގެން މަރުހަބާ ދެންނެވުމަށް ސްކޫލު ތަކުގެ ދަރިވަރުން ނުނެރުމަށް އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މިއަދު އަންގަވައިފި އެވެ.
މިނިސްޓަރު އާއިޝަތު އަލީ ސޮއިކުރައްވައި، ސަރުކާރުގެ ހުރިހާ ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިޔުލާގައި ބުނެފައި ވަނީ ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް އުނދަގޫތައް ކުރިމަތިވެ ދަރިވަރުންނާއި ބެލެނިވެރީންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމެކެވެ.
"އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އެންގީމެވެ." މިނިސްޓަރުގެ އެންގެވުމުގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ އެކި ފެންވަރުގެ ވެރީން ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ސްކޫލު ކުދީން ނެރެ ބަނދަރު މަތީގައި ބޭތިއްބުމަކީ ރައްޔިތުންގެ ފާޑިކިޔުން ވަރަށް ބޮޑަށް އޮތް މައްސަަލަ އެކެވެ.