ޚަބަރު

ގޭގައި ތިބެގެން ހައުސިން މިނިސްޓްރީގެ ހިދުމަތްތައް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

ގޭގައި ތިބެގެން ހިދުމަތްތައް ހޯދޭނެ އިންތިޒާމު މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓުން ހަމަޖައްސައިފި އެވެ.

ގެޒެޓުގައި ހައުސިންގް މިނިސްޓްރީން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަރުކާރު ބަންދު ކޮށްފައިވާއިރު އެމިނިސްޓްރީގެ ހިދުމަތްތަކަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކުގައި އެ މިނިސްޓްރީގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ގޮތް ވަނީ އާންމުކޮށްފައެވެ.

އެގޮތުން އޮފީހާއި ގުޅޭ އާންމު ކަންކަމުގެ މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ ނަންބަރު 3004300 އަދި 3004302 އަށް ގުޅުމަށް މިނިސްޓްރީން އެދެއެވެ. ނަމަވެސް މި ދެ ނަންބަރަށް ގުޅޭނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ މި ފަސް ދުވަހުގެ ހެނދުނު 9:00 އިން 14:00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން "މަގޭ ހިޔާވެހި" ހެލްޕުޑެސްކަށް ގުޅޭނީ ވެސް ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. "މަގޭ ހިޔާވެހި" ހެލްޕުޑެސުގެ ނަންބަރަކީ 3021500 އަދި 3021503 ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަކި ގޮތަކަށް ހުށަހެޅުމަށް އެދި މިނިސްޓްރީން އިއުލާނުކޮށްފައިވާ ތަކެތި ފިޔަވައި މިނިސްޓްރީއަށް ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުމަށް ނިންމާފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ. އެފަދަ ސިޓީއާއި ތަކެތި [email protected] އަށް ފޮނުވުމަށް މިނިސްޓްރީން އެދިފައި ވެއެވެ. މި މެއިލް އައިޑީއަށް މެއިލް ކުރުމަށް ފަހު ހާޑުކޮޕީ ހުށަހަޅަން ޖެހޭ ތަކެތި ބަންދުކޮށްފައިވާ ސިޓީއުރައިގެ ބޭރުގައި ނުވަތަ ލިޔުމުގައި ފޮނުވި ފަރާތް އެނގޭނޭހެން ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ޖެހުމަށްފަހު އެ މިނިސްޓްރީގެ ނަން ޖަހާފައިވާ ޑްރޮޕްބޮކްސްއަށް ލުމަށް މިނިސްޓްރީން އެދިފައި ވެއެވެ.