ރ. އިންނަމާދޫގައި މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި ދެ މީހަކު އެރަށު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންގުލަދޭޝް މީހެއްގެ ގައިގައި އެރަށު ދެ މީހަކުވެގެން ތަޅައި މާރާމާރީ ހިންގާފައިވާ މައްސަލައެއް އިއްޔެ ހުށަހެޅުނު ކަމަށެވެ.
އެ މާރާމާރީގައި އެ ބިދޭސީ މީހާގެ ނޭފަތް މަތިން ފަޅައިގެން ގޮސް ދުޅަވެފައިވުމާއި ވާތު ލޯކައިރިން ފަޅައިގެން ގޮސްފައިވުމާއެކު މުޅި މޫނުމަތި އެއްކޮށް ދުޅަވެފައިވާ ކަމަށާއި އެ މައްސަލައިގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން 48 އަހަރާއި 38 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެ މާރާމާރީ ހިންގާފައިވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަށް އޭނާ ފެން ދޭން ހުއްޓައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިންތަކަށް ފެން ބުރާތީވެ، "ބެބެ ފެންޖަހާއިރު މި ތަކެއްޗަށް ފެން އަންނަނީއޭ" އެތަނުން ބިދޭސީ މީހަކު އެމީހާޔާ ދިމާލަށް ބުނުމުން ހިތްހަމަ ނުޖެހިގެން ކަމަށް އެނގިފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު އިންނަމާދޫ ކޯޓަށް ގެންދިއުމުން އެ ދެމީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި، އެ ދެމީހުން ކޯޓުން ދޫކޮށްލީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓާއި ޑޮކްޓަރުގެ ލިޔުމާއި މަންޒަރު ދުށްފަރާތުގެ ބަޔާން ވެސް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.