ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި އައިސޮލޭޝަން ރޫމުތައް ގާއިމުކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ދެ އައިސޮލޭޝަން ރޫމު އަދި ފިޔަވަތީގައި އައިސޮލޭޝަން ތިން ރޫމު ގާއިމުކޮށްފައިވާ ކަމަށެވެ.
"އައިސޮލޭޝަން ރޫމުތައް ގާއިމުކުރެވިފައި ހުންނާނެ. ކުޑަކުދިންގެ ހިޔާގައި ދެ ރޫމު، ފިޔަވަތީގައި އައިސޮލޭޝަން ތިން ރޫމު. އެއީ ކުދިންގެ ނިސްބަތަށް ބަލާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ވެސް އައިސޮލޭޝަން ދެ ރޫމު މަސައްކަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެމަޖެންސީ ހާލަތްތަކުގައި އެ މަރުކަޒުގައި ފަރުވާދިނުމަށް ބޭނުންވާނެ މެޑިކަލް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
"އެމަޖެންސީ ހާލަތްތަކުގައި ފަރުވާދިނުމަށް ބޭނުންވާނެ މެޑިކަލް ފެސިލިޓީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ގާއިމުކުރުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށްދަނީ. އޭގެ ތެރޭގައި އެތަނުގައި ވެންޓިލޭޓަރު ބެހެއްޓުން ވެސް ކުރިއަށްގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮންމެ މަރުކަޒެއްގައި ވެސް އެއް މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ރައްކާކުރެވިފައި ހުންނާނެ ކަމަށާއި އަދި ކުދިންނަށް ބޭނުންވާ ތަކެތި ގަނެވިފައިވާ ކަމަށެވެ.