ނުވަ ސަފާރީއަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ނުވަ ސަފާރީއަކާއި 15 ރިސޯޓަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.
"މިއަދު ނުވަ ސަފާރީއަކާއި 15 ރިސޯޓެއް ވަނީ، އެތަންތަނުން ސްޓާފުންނަށް ފޭބުމުގެ ހުއްދަ ދެވިފައި." މަބްރޫކު ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން ހަމަޖައްސާފައިވާ ގަވައިދުތައް ބުނާ ގޮތުން، ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބޭނީ އެ ސަފާރީއަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ 14 ދުވަސް ހަމަވުމުން، އެޗްޕީއޭއަށް ލިޔެ، އެތަނުން ހުއްދަ ލިބުމުންނެވެ.