ބަންގްލަދޭޝްއަށް ދާން ބޭނުންވެގެން 300 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބަންގުލަދޭޝް ރައްޔިތުން އެގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ގޮންޖެހުންތަކެއް ވެސް ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގަވައިދާ ހިލާފަށް އުޅޭ ބަންގުލަދޭޝްއަށް ދާން ބޭނުންވާ މީހުން އެގައުމަށް ފޮނުވުމަށްޓަކައި. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިކަމުގައި ހުންނާނެ ގޮންޖެހުންތައް. ފުރަތަމަ ކަމަކީ ކިހިނެއްތޯ އަޅުގަނޑުމެން ފުލައި ކުރަން އެ ޖާގަ ހޯދާނީ. މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ރަޖިސްޓާކޮށްފައިވޭ ދާން ބޭނުންވެގެން،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ބަންގުލަދޭޝް ރައްޔިތުން ފޮނުވުމަށްވުރެ ބޮޑަށް އެގައުމުގައި ތިބި ދިވެހިން ރާއްޖެ ގެންނަން ބޭނުންވާ ކަމަށާއި އެގައުމަށް ފުލައިޓެއް ފޮނުވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގުލަދޭޝް މީހުން އަނބުރާ އެގައުމަށް ގެންދިއުމާ ބެހޭގޮތުން ބަންގުލަދޭޝްގެ ހާރިޖީ ވަޒިރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ މަޝްވަރާކުރައްވައިފައެވެ.
ބަންގުލަދޭޝްގެ ހާރިޖީ ވަޒީރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް 19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވައިފައެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިއުމުގައި އެހީތެރި ކަމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.