ޚަބަރު

ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހުންނާ މެދު ތަފާތު ކުރުން ގެންގުޅޭ: އެމްއާރުސީ

އަލީ ޔާމިން

ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހުންނާ މެދު އާންމުން ދެކޭ ގޮތް ވަރަށް ތަފާތު ކަމަށެވެ.

"ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހުންނާ މެދު ވަރަށް ބޮޑަށް ތަފާތު ކުރުންތައް އެބަ ގެންގުޅޭ،" ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވީ، ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހުންނަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބައެއް ކަހަލަގެ ގެއްލުންވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެހީވުމަށް ރެޑް ކްރެސެންޓުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހިމްޔާ ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރެޑް ކްރެސެންޓުން މިހާރުވެސް އަންނަނީ ކޮވިޑް 19 ޖެހިފައިވާ ފަރާތްތަކާއި، ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ އިތުރުން އެފަރާތްތަކަށް ފަރުވާދެމުން އަންނަ ފަރާތްތަކަށް ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.