ޚަބަރު

40،000 ބިދޭސީންނަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފި

އަލީ ޔާމިން

ސާޅީސް ހާސް ބިދޭސީންނަށް ކޮވިޑް 19އާގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ކޮވިޑް 19އާގުޅޭ މައުލޫމާތު ބިދޭސީންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ފަސް ބަހަކުން އަޑުގަދަކުރާ ބޭނުންކޮށްގެން މާލެއާއި ހުޅުމާލޭގައި މައުލޫމާތު ދެމުން އަންނަ ކަމަށާއި ބިސޭސީންނަށް ހާއްސަކޮށްގެން ކަލާފާނު ސްކޫލުގައި މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށް ގެންދަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޕޯސްޓާ އަދި ލީފްލެޓް މެދުވެރިކޮށް 7،000 ބިދޭސީއަކަށް މައުލޫމާތު ދީފައިވާއިރު ޖުމްލަ 40،000 ބިދޭސީންނަށް އެކި ގޮތްގޮތުން މައުލޫމާތު ފޯރުކޮށްދެވިފައިވާނެ ކަމަށް ހިމްޔާ ވިދާޅުވިއެވެ.

"ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަޅުގަނޑުމެން މިބަލަނީ ގާތްގަނޑަކަށް 40،000 ބިދޭސީންނަށް މައުލޫމާތު ފޯރުކޮށްދެވިފައިވާނެ ކަމަށް،" ހިމްޔާ ވިދާޅުވިއެވެ،

ރެޑް ކްރެސެންޓުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބިދޭސީންގެ އިތުރުން ދިވެހިންނަށް ކޮވިޑް 19ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.