ޚަބަރު

ފާއިތުވި ތިން މަހު ގެވެށި އަނިޔާގެ 99 މައްސަލަ، ކުޑަކުދިންނަށް ކުރާ އަނިޔާގެ 391 މައްސަލަ

އަލީ ޔާމިން

ފާއިތުވި ތިން މަހު ގެވެށި އަނިޔާގެ 99 މައްސަލަ އާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ 391 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު މުހައްމަދި ދީދީ ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗުމަހުގެ ނިޔަލަށް ގެވެށި އަނިޔާގެ 99 މައްސަލަ ހުށަހެޅިފައިވާ ކަމަށާއި އަދި އެ މުއްދަތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 391 ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ ތަފާސް ހިސާބު ބަލައިލާއިރު ޖެނުއަރީ މަހު އަޅުގަނޑުމެންނާ ހަމައަށް ރިޕޯޓް ކުރެވިފައިވަނީ 34 މައްސަލަ، ފެބްރުއަރީ މަހު 39 މައްސަލަ، މާޗު މަހު 26 މައްސަލަ. ފާއިތުވި ތިން މަސް ދުވަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ ތަފާސް ހިސާބަށް ބަލާލާއިރު ޖެނުއަރީމަހު 121 މައްސަލަ ފެބްރުއަރީ މަހު 169 މައްސަލަ މާޗު މަހު 101 މައްސަލަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާޗު މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތައް މަދު ކަމަށާއި، އުންމީދަކީ އެ އަދަދު އެއަށްވުރެ ވެސް މަދުވުން ކަމަށެވެ.

މީގެ އިތުރުން ދިރާސާތަކުން ދައްކާ ގޮތުން ގެވެށި އަނިޔާ ލިބޭ ފަރާތް އެ އަނިޔާ ދޭ ފަރާތާއި އެކުގައި އުޅޭނަމަ އެ މައްސަލަ ރިޕޯޓު ކުރަން އުނދަގޫ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ފެންމަތިވެއްޖެނަމަ ލަސްނުކޮށް 1412 އަށް ރިޕޯޓު ކުރުން އެދޭ ކަމަށާއި އެފަދަ މައްސަލަތަކުގައި ކޯޓުތަކާއި ފުލުހުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭ ކަމަށެވެ.