ޚަބަރު

މާލޭގައި ޑިޓޮކްސް ސެންޓަރެއް ގާއިމުކުރަނީ

އަލީ ޔާމިން

ޑިޓޮކްސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަ އަދަދަކަށް މުޖުތަމައުގެ ތެރޭގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި ފަރުވާއަށް ހުކުމްކޮށް ފަރުވާއަށް ނުގެންދެވިވާ މީހުންނާއި ފަރުވާ މެދުކަނޑާލުމުން ޖަލަށް ހުކުމްކޮށްފައި ތިބި މީހުންވެސް ހިމެނޭ ކަމަށެވެ. އަދި ފަރުވާ ނުލިބި މިނިސްޓްރީއާ ހަމައަށް އައިސްފައި ނުވާ މީހުންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެފަދަ ފަރާތްތަކަށް ފަރުވާދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ޑިޓޮކްސް ކުރެވޭނެ ސެންޓަރެއް ގާއިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ޑިޓޮކްސް ކުރެވޭނެ ސެންޓަރެއް މާލޭގައި ސަރަހައްދުގައި އެބަ ގާއިމުކުރަން. އެކަމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. ވަގުތީ ޑްރަގު އޮފެންޑާސް ރިމާންޑް ސެންޓަރެއްގެ މަސައްކަތެއްވެސް މިހާރު ދަނީ ކުރަމުން،" ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ފަރުވާ ސެސަންތައް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ގަވައިދުން އެމީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.