ޚަބަރު

އެއް މަސް ދުވަހަށް ވާ ވަރަށް މަރުކަޒުތަކުގައި ކާބޯތަކެތި ރައްކާކުރެވިފައި ހުންނާނެ: ޖެންޑާ މިނިސްޓަރު

އަލީ ޔާމިން

އެއް މަސް ދުވަހަށް ވާ ވަރަށް މަރުކަޒުތަކުގައި ކާބޯތަކެތި ރައްކާކުރެވިފައި ހުންނާނެ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ސަރުކާރުގެ ކޮންޓިންޖެންސީ ޕްލޭނާ އެއްގޮތަށް އެ މިނިސްޓްރީންވެސް އަމަލުކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން އަމަލު ކުރާނެ ކޮންޓިންޖެންސީ ޕްލޭނެއް ޖެންޑާ މިނިސްޓްރީންވެސް ހެދި ކަމަށާއި އެގޮތުން ކަމެއް ދިމާވެއްޖެ ހިނދެއްގައި ހިދުމަތަށް ނިކުންނާނީ ކޮން ބައެއް ކަމާއި، މަރުކަޒުތަކުގައި ކުދިންނާއެކު ދިރިއުޅޭނީ ކޮން ބައެއް ކަމާއި، ފުޑް ސެކިއުރިޓީއާ ގުޅޭ ފަދަ ކަންކަމުގެ އިތުރުން ތަމްރީނުތައް ވެސް ދެވިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންމެ މަރުކަޒެއްގައިވެސް މިހާރު ހުންނާނެ އެއްމަސް ދުވަހަށް ވާވަރަށް ފުޑް ސެކުއާ ކޮށްފައި. އަދި ކުދިންނަށް ބޭނުންވާނެ ތަކެތި ގަނެވިފައި" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންގެ ހިޔާގައި ދެ އައިސޮލޭޝަން ރޫމު އަދި ފިޔަވަތީގައި އައިސޮލޭޝަން ތިން ރޫމު ގާއިމުކުރެވިފައިވާނެ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ވެސް އައިސޮލޭޝަން ދެ ރޫމު ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.