ޚަބަރު

ކާފިއު ވަގުތުގައި ނުކުމެ އުޅުނު މީހަކު ޖޫރިމަނާކޮށްފި

ކާފިއު ވަގުތުގައި މަގުމައްޗަށް ނުކުމެ އުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ މަގުމައްޗަށް ނުކުމެ އުޅުނު މީހުންގެ ތެރެއިން އެކަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މިއީ ކާފިއު ވަގުތުގައި ބޭރަށް ނުކުމެ އުޅުނު މީހަކު ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

މިއަދު 139 މީހަކަށް ފުރަތަމަ ނަސޭހަތްދީފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 17 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ. އަދި މިއަދު ހަތް މީހަކަށް ދެވަނަ ނަސޭހަތް ދީފައިވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00އަށް ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު 94 މީހަކު ހުއްޓުވައި ނަސޭހަތްދީފައިވާ އިރު، ހުކުރު ދުވަހު ހުއްޓުވާފައިވަނީ 284 މީހެކެވެ. އަދި އިިއްޔެ 141 މީހަކު ހުއްޓުވާފައިވެއެވެ.

އެ ވަގުތުގައި މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްދިނުމަށްފަހު ތަކުރާރުވާ ނަމަ، 1000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވަނީ ނިންމައިފައެވެ.