އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.
މިއަދު އެ ބިލު ތަސްދީގުކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ އުމުރަކީ އުމުރުން 35 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން، ކަމަށް ކަނޑައެޅިގެން ދިޔައީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެ އިސްލާހު ދިރާސާ ކުރުމަށް ހުށަހެޅި ބިލު ދިރާސާކުރުމަށް މަޖިލީހުން ނެގި ވަގުތީ ކޮމިޓީން އެ އިސްލާހު ބާތިލުކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 27ގައެވެ.
ވެރިކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރާއި ދޮށީ އުމުރު ކަނޑައަޅާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭރު ނައިބު ރައީސަކަށް އަހްމަދު އަދީބު ގެނައުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.