ޚަބަރު

މަސައްކަތްތެރީންނަށް ތިން މަސް ދުވަހަށް އަސާސީ މުސާރަ ކަށަވަރުކޮށްދިނުމަށް ޓީޗާސް އެސޯސިއޭޝަނުން ގޮވާލައިފި

އަލީ ޔާމިން

ވަޒީފާ އަދާކުރާ ފަރާތްތަކަށް މަދުވެގެން ތިން މަހަށް އަސާސީ މުސާރަ ނުވަތަ މަދުވެގެން 6،400 ރުފިޔާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮވިޑް 19ގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލު ކުރަމުންދާ އެއް ބަޔަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރީން ކަމަށާއި މިފަދަ ނާޒުކު ދަނޑިވަޅެއްގައި، މަސައްކަތްތެރީންގެ ވަޒީފާ ރައްކާތެރިކޮށްދިނުމަށާއި، މަސައްކަތްތެރިންނަށް ފައިސާގެ އެހީތެރިކަން ފޯރިކޮށްދިނުމަށް ވަޒީފާދޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

މުދައްރިސުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިވުމުގެ ސަބަބުން ބޮޑު ކުލީގައި އުޅެން ޖެހިފައިވާ ފަރާތްތަކަކީ ކޮބައިތޯ ބަލައި އެ ފަރާތްތަކަށް ލުއި ގޮތްތައް ހޯދައިދިނުމުގެ މަސައްކަތްކޮށްދިނުމަށާއި، އަން އެމްޕްލޮއިމެންޓް އިންސުއަރެންސް ތައާރަފުކޮށް ތަންފީޒުކުރުމުގެ ގާނޫނު ފާސްކޮށްދިނުމަށް އަދި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނާއި، އޮކިއުޕޭޝަނަލް ހެލްތު އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފައެވެ.

ޓީޗާސް އެސޯސިއޭޝަނުން އެދޭ ކަންތައްތައް:

  • ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މާޗު މަހުގެ މުސާރަ އާއި ސާވިސް ޗާޖާއި ރަމަޞާން މަހުގެ އިނާޔަތް ފުރިހަމައަށް ދިނުން.
  • ތަފާތު ސަބަބުތަކާހުރެ ނުނެގިވާ، ނަމަވެސް މުވައްޒަފަށް ހައްގުވާ ޗުއްޓީ ދުވަސްތައް މުސާރަ ލިބޭގޮތަށް ނަގައި ހުސްކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުން.
  • އަސާސީ މުސާރައިން އެއްވެސް މިންވަރެއް ކެނޑުމެއްނެތި، ނުވަތަ މަދުވެގެން 6400 ރުފިޔާ އެންމެހާ ވަޒީފާ އަދާކުރާ ފަރާތްތަކަށް މަދުވެގެން ތިން މަސް ދުވަހަށް ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކޮށްދިނުން.
  • ކޮވިޑް 19ގެ ނުރައްކާތެރިކަން ކުޑަވުމުން، ކަނޑައެޅޭ ހާއްސަ އުސޫލެއްގެ ތެރެއިން ރާއްޖެ އައުމަށް ހުއްދަދެވޭ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ކަނޑައެޅޭ ރިސޯޓެއްގެ މުވައްޒަފުން އެ ރިސޯޓަކުން އަންގާ ވަގުތުން އެ ރިސޯޓަށް ގޮސް މުސާރައާއި އިނާޔަތް ލިބޭ ގޮތަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުން.
  • ކޮވިޑް 19ގެ ނުރައްކާތެރިކަން ކުޑަވުމުން، ކަނޑައެޅޭ ހާއްސަ އުސޫލެއްގެ ތެރެއިން މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކުން މަސައްކަތްތަކުގައި ނުކުމެ މަސައްކަތްކުރުން އަދި އެފަދަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ ނުރައްކާތެރިކަން ވީހާވެސް ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކޮށްދިނުން.
  • މުދައްރިސުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިވުމުގެ ސަބަބުން ބޮޑު ކުލީގައި އުޅެން ޖެހިފައިވާ ފަރާތްތަކަކީ ކޮބައިތޯ ބަލައި އެ ފަރާތްތަކަށް ލުއި ގޮތްތައް ހޯދައިދިނުމުގެ މަސައްކަތްކޮށްދިނުން.
  • ދަރިވަރުން ގޭގައި ތިބެންޖެހޭ ދުވަސްތައް ދިގުލައި ހުރިހާ ގްރޭޑަކަށް ގޫގުލް ކްލާސް ނަގައިދޭން ޖެހޭ ފަދަ ހާލަތެއް ކުރިމަތިވާ ހާލަތުގައިވެސް މުދައްރިސުންނަށް އިންޓަނެޓުގެ ހިދުމަތް ލުއި ގޮތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތްކޮށްދިނުން.
  • އަން އެމްޕްލޮއިމެންޓް އިންސުއަރެންސް ތައާރަފުކޮށް ތަންފީޒުކުރުމުގެ ގާނޫނު ފާސްކޮށްދިނުން.
  • އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނާއި، އޮކިއުޕޭޝަނަލް ހެލްތު އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ވީހާވެސް އަވަހަކަށް ފާސްކޮށްދިނުން.

ޓީޗާސް އެސޯސިއޭޝަނުން ވަނީ ކޮވިޑް 19ގެ ވަބާއިން އަރައިގަތުމަށް ސިއްހީ މާހިރުންނާއި، އެހީތެރިންނާއި، ދިވެހިރާއްޖޭގެ ސަރުކާރުން ކޮށްދެމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.